މާލެ ސަރަހައްދުގައި ތަރައްގީކުރި އެންމެ ބޮޑު ފަސް ތަރީގެ ހޮޓާ، “މަންހަޓަން ގްރޭންޑް” ރަސްމީކޮށް ހުޅުވައިފިއެވެ. ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި، ވެމްކޯ ކައިރީގައި ހުންނަ މި ހޮޓާ ހުޅުވައިދެއްވީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ. ނުވަ ބުރީގެ މި އިމާރާތުގައި 162 ކޮޓަރި ހިމެނޭއިރު، މިއީ މާލެ ސަރަހައްދުގައި މިހާތަނަށް ބިނާކުރި އެންމެ ބިޔަ ހޮޓަލެވެ. މި ހޮޓަލުގައި ހަތަރު ރެސްޓޯރަންޓާއި، ބައިނަލްއަގުވާމީ ކާބޯތަކެތީގެ ހަތަރު ބްރޭންޑެއް ހިމެނެއެވެ. މީގެ އިތުރުން ބޮޑެތި ބައްދަލުވުންތަކަށް ހާއްސަ ތިން މާލަމާއި، ސްވިމިން ޕޫލަކާއި، ޖިމެއްގެ އިތުރުން ސްޕާއެއް ވެސް ވަނީ ގާއިމުކޮށްފައެވެ. ހޮޓަލުގެ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން ބައިނަލްއަގުވާމީ 12 އެއާލައިނަކާ އެކު ގުޅުން ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް މައުލޫމާތު ލިބެއެވެ. މި މަޝްރޫއަކީ އެސްޓީއޯއިން ބޭރު ފައިސާ ހޯދުމުގެ މަގުސަދުގައި މީގެ 20 އަހަރު ކުރިން ފެށި މަސައްކަތެކެވެ. އެމެރިކާގެ ކުންފުންޏަކާ އެކު 2008 ވަނަ އަހަރު އެއްބަސްވުމެއްގައި ސޮއިކޮށް، 2012 ވަނަ އަހަރު އަމަލީ މަސައްކަތް ފެށި ނަމަވެސް، އެކި ސަބަބުތަކާ ހުރެ މަސައްކަތް ހުއްޓި، ގާތްގަނޑަކަށް 115 މިލިއަން ރުފިޔާ ހަރަދުވި މި މަޝްރޫއު ނުނިމި ގިނަ ދުވަސްތަކެއް ވުމަކީ އާންމުންގެ ކަންބޮޑުވުމަކަށް ވެފައި އޮތް ކަމެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، މި އިމާރާތުން ދައުލަތަށް ފައިދާ ހޯދައިދިނުމަށްޓަކައި އެސްޓީއޯއަށް ބަދަލެއްގެ ގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިމެއް ދިނުމަށްފަހު، މި އިމާރާތް އެޗްޑީސީގެ ދަށަށް ބަދަލުކުރިއެވެ. އެއަށްފަހު، މިދިޔަ އަހަރު މި މަސައްކަތް “ވޯލްޑް އޮފް ބިޒްނަސް” ކިޔާ ކުންފުންޏަކާ ހަވާލުކުރިއެވެ. ޔޫއޭއީގެ ހިއްސާ އޮންނަ އެ ކުންފުނިން މި މަޝްރޫއު ނިންމާފައިވާއިރު، ސަރުކާރުގެ ބައެއް ވައުދުތައް ފުއްދުމަށް ބޭނުންވާ ޖާގަތައް ވެސް އެ އިމާރާތުގައި ވަނީ ތަރައްގީކޮށްފައެވެ.