ދިވެހި ފުލުހުންގެ ހިދުމަތުން ސައުތު ޕޮލިސް ރީޖަންގެ ރަށެއްގައި 15 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ތަހުގީގުކުރަން ފަށައިފިއެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި މައްސަލަ އެ އިދާރާއަށް ހުށަހަޅާފައިވަނީ މި އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުއެވެ. ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކަކީ އެންމެ ސީރިއަސް މައްސަލަތަކުގެ ގޮތުގައި ބަލަމުން އަންނަ ކަމަށާއި، މި މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް، މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިވާކަން ނުވަތަ ނޫންކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. މި ހާދިސާއާ ގުޅިގެން އަނިޔާ ލިބުނު ކުއްޖާގެ އާއިލާއިން ވަނީ ތުހުމަތުކުރެވޭ މީހާގެ ފޮޓޯ އާންމުކޮށް، އެ މީހާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިފައެވެ. ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް އިތުރުވަމުންދާތީ، މިފަދަ މައްސަލަތަކުގައި ކަމާބެހޭ މުއައްސަސާތަކުން އަވަސް ފިޔަވަޅުތައް އެޅުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.